ދިވެހި ޙައްޖާޖީންގެ ޙާލު އަޙުވާލު  

 

ޙައްޖު 1430

» ޙައްޖުވެރިން އެނބުރި ދިވެހިރާއްޖެއަށް
Friday, December 04, 2009

4 ޑިސެމްބަރު 2009 / މައްކާ / މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ. މިއަދު ހެނދުނު 7:30 ގައި އަލްމަނާސިކް ގުރޫޕްގެ ބައެއް ޙާޖީން ވަނީ ޖިއްދާއަށް ދިޔުމަށް ދަތުރު ފަށާފައެވެ. ޤަޠަރު އެއާލައިންސް އިން މާލެއަށް ދަތުރު ކުރާ މި ގުރޫޕްގެ ޙައްޖުވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ހާއިރުއެވެ.

» ދިވެހި ޙައްޖުވެރިން މިނާއިން އެނބުރި މައްކާއަށް
Monday, November 30, 2009

30 ނޮވެމްބަރު 2009 / މިނާ / ހެނދުނު 11:45 / 1430 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގައި މިވަގުތު މިނާގައި ތިބި ދިވެހި ޙައްޖާޖީން މިއަދު މެންދުރުފަހު މިނާއިން އެނބުރި މައްކާއަށް ދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން، މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ވަގުތު ޖަމްރާތަކަށްގޮސް މެންދުރު ފަހުން ޖަމްރާއަށް ހިލަ އުކުމަށްފަހު އެނބުރި ފޭލިގެއަށް އައިސް، ބަހުގައެވެ. އެހެން ގުރޫޕްތަކުގެ ހައްޖުވެރިން ޖަމްރާއަށް ހިލައުކުމަށް ދާނީ މިއަދުގެ މެންދުރު ނަމާދަށްފަހުގައެވެ.

» ދިވެހި ހައްޖާޖީން މިނާގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަމުން އެބަދޭ
Sunday, November 29, 2009

29 ނޮވެމްބަރު 2009 / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން މިނާގައި ޙައްޖުގެ އަޅުކަމުގެ ބާކީ މަނާސިކުތައް ފުރިހަމަ ކުރަމުން އެބަދެއެވެ. ޢީދު ވިލޭރޭ ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު އެ ދުވަހު ޖަމްރަތުލްޢަޤަބާ އަށް ހިލައުކުމަށްފަހު ބޯބާލައި ނުވަތަ ބޯ ކޮށުމަށްފަހު ފުރަތަމަ ތަޙައްލަލު ވެފައެވެ. ދިވެހި ޙައްޖު ވެރިންގެ ގުރޫޕްތަކުގެ ތެރެއިން އަލްޚައިރުގެ ބައެއް ޙައްޖުވެރިން ވަނީ އެދުވަހު ހިލައުކުމަށްފަހު މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށްފައެވެ. އެހެންނަމަވެސް އެދުވަހަކީ މަސްޖިދުލްޙަރާމްގައި ވަރަށް ބާރުބޮޑުވެ ތޮއްޖެހިފައިވާ ދުވަހަކަށްވާތީ ޙައްޖުވެރިންގެ ސަލާމަތަށްޓަކައި، ދިވެހި އެހެން އެއްވެސް ގުރޫޕަކުން އެދުވަހު މައްކާއަށް ގޮސްފައިނުވެއެވެ.

» ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދެކޮޅުހެދުމަށް ޢަރަފާތްބިމުގައި އިސްލާމިކް މިނސްޓަރ ގޮވާލައްވައިފި
Friday, November 27, 2009

27 ނޮވެމްބަރު 2009 / އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އިއްޔެ ޢަރަފާތު ބިމުގައި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޙައްޖުވެރިންނަށް ޚާއްޞަ ތަޤްރީރުތަކެއް ދެއްވިއެވެ. މީގެތެރެއިން އަތަމާ ގުރޫޕްގެ ޙައްޖުވެރިން ތިބި ޓެންޓުގައި ދެއްވި މި ތަޤްރީރުގައި ދިވެހި ރާއްޖޭގެ ދީނީ ޙާލަތަށް އަލިޢަޅުވާލެއްވިއެވެ. މިގޮތުން މުޖުތަމަޢުގެ ތެރޭގައި ރިބާކެއުމާއި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ޢާއްމުފައިވާކަމާއި މިފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

» ދިވެހި ޙައްޖުވެރިން މުޒްދަލިފާއިން މިނާއަށް އަންނަމުން އެބަދޭ
Friday, November 27, 2009

27 ނޮވެމްބަރު 2009 / 7:30 (ހެނދުނު) / މިނާ / 1430 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ޙައްޖުވެރިން ރޭ މުޒްދަލިފާގައި ރޭކުރުމަށްފަހު މިނާގެ ފޭލިގެތަކަށް މިހާރު ދަނީ އަންނަމުންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ހުރިހާ ޖަމާޢަތްތަކުގެ ޙައްޖާޖީންނަށްވެސް ރޭގައިވަނީ ވަނީ މުޒްދަލިފާއަށް އާދެވިފައެވެ. މިގޮތުން ބައެއް ބަސްތަކަށް ޙައްޖުވެރިން ރޭގެ 8:15 އަށް މުޛްދަލިފާއަށް އާދެވުނު އިރު ބައެއް ބަސްތަކަށް އާދެވުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.

» ދިވެހި ޙައްޖުވެރިން ޢަރަފާތުގައި
Thursday, November 26, 2009

25 ނޮވެމްބަރު 2009 - 1:30 (މެންދުރުފަހު) / ޢަރަފާތް / 1430 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ޙައްޖުވެރިން މިހާރުވަނީ ޢަރަފާތްބިމުގައެވެ. ހުރިހާ ގުރޫޕްތަކުގެ ޙައްޖުވެރިންވެސް މިހާރުވަނީ މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކޮށްފައެވެ. ދިވެހި ހައްޖުވެރިންގެ އިސް ވެރިއެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޙައްޖުވެރިންގެ ޙާލުބެއްލެވުމަށް މިހާރުވަނީ ވަޑައިގެންފައެވެ.

» ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމުގައި
Thursday, November 26, 2009

25 ނޮވެމްބަރު 2009 / ހެނދުނު 6:45 / ޢަރަފާތް ބިން / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް އަތުވެއްޖެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި މިނާގެ ޓެންޓުތަކުން ޢަރަފާތަށް ދިޔުމަށް ފުރި ހުރިހާ ގުރޫޕްތައް މިހާރުވަނީ ޢަރަފާތްބިމުގައެވެ. / މިވަގުތު މިނާއަށް ނާދެވިވަނީ އަލްޚައިރު ގުރޫޕަށެވެ. އެގުރޫޕްގެ ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިޔުމަށް ދަތުރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ދާދި ދެންމެއަކު އެ ގުރޫޕުން މަޢުލޫމާތު ދެއްވިއެވެ.

» ދިވެހި ޙައްޖުވެރިން ޢަރަފާތް ބިމަށް ދަތުރު ކުރަނީ
Thursday, November 26, 2009

25 ނޮވެމްބަރު 2009 / 1:30 ރޭގަނޑު / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން ޢަރަފާތް ބިމަށް ދިޔުމަށް ދަތުރު ކުރަމުން އެބަދެއެވެ. މިގޮތުން މިރޭ 11:00 އިން ފެށިގެން ދިވެހި ޙައްޖު ގުރޫޕްތަކުން ދަނީ ޢަރަފާތަށް ދަތުރު ކުރަމުންނެވެ. މިހާތަނަށް ޢަރަފާތަށް ގޮސްފައިވަނީ އަތަމާ ގުރޫޕާއި ސަފާ ގުރޫޕާއި މަނާސިކް ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިންނެވެ. ޒަޢީމާ ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ފުރުމަށްޓަކައި ތައްޔާރުވަމުން އެބަދެއެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން ފުރާގޮތަށްވަނީ ހަމަޖެހިފައެވެ. އަލްޚައިރު ގުރޫޕްގެ ޙައްޖުވެރިން ޢަރަފާތަށް ދާން ހަމަޖެހިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

» ދިވެހި ޙައްޖުވެރިން މިނާގައި
Wednesday, November 25, 2009

24 ނޮވެމްބަރު 2009 / 12:45 މެންދުރު / މިނާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން މިއަދު ހެނދުނު މިނާއަށް އަތުވެއްޖެއެވެ. މިއަދު ހެނދުނު 7:00 އިން ފެށިގެން ދަތުރު ފަށައިގެން މިއަދުގެ މެންދުރާ ހަމައަށް ދިވެހި ހުރިހާ ޙައްޖުވެރިން ވަނީ މިނާއަށް އައިސްފައެވެ.

» މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ
Tuesday, November 24, 2009

24 ނޮވެމްބަރު 2009 / މައްކާ / މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން މާދަމާ މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ. މިގޮތުން މިނާއަށް ޙައްޖުވެރިން ދިޔުމުގެ ކުރިން މިނާގެ ޓެންޓުތަކުގައި ހަމަޖައްސަންޖެހޭ ކަންތައް ހަމަޖެއްސުމާއި މިނާއަށް ޙައްޖުވެރިންނަށް ބޭނުންވާ ބައެއް ތަކެތި ގެންދިޔުމުގެ މަސައްކަތް ގާތްގަނޑަކަށް ހުރިހާ ގުރޫޕަކުންވެސް މިހާރުވަނީ ކޮށްނިންމާފައެވެ.

ޞަފްޙާ ނަންބަރު:   1 2 3 >