1- ޙައްޖު ތަމައްތުޢު

>>

ދިވެހި ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ޙައްޖުވެރިން ޢާއްމު ގޮތެއްގައި އަދާކުރައްވަނީ ތަމައްތުޢު ޙައްޖެވެ.

ތަމައްތުޢު
 
ޢުމްރާ
 
ޙައްޖު
 
ހަދްޔު ކަތިލަން ޖެހޭ
 

ތަމައްތުޢުކޮށް ޙައްޖުވުމަށް އެދޭ މީހާ، ޙައްޖުގެ މައްސަރުތަކުގެ ތެރޭގައި (އެބަހީ؛ ޝައްވާލް މަހާއި، ޛުލްޤަޢިދާ މަސް، އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި) މީޤާތުން އިޙްރާމް ބަނދެ މިފަދައިން ކިޔާނީއެވެ. (( لَبَّيْكَ عُمْرَةً مُتَمَتِعاً بِهَا إِلَى الحَجِّ ))

އެއަށްފަހު މައްކާއަށް ގޮސް ޢުމްރާކުރުމަށްފަހު (އެބަހީ؛ ޠަވާފުކޮށް ސަޢުޔު ކުރުމަށްފަހު) ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާނީއެވެ. މިއަށްފަހު އިޙްރާމްގެ ސަބަބުން އޭނާއަށް ޙަރާމްވި ހުރިހާކަމެއް ޙަލާލުވާނެއެވެ.

ދެން ޙައްޖުމަހުގެ 8ވަނަދުވަހު ޙައްޖަށް އިޙްރާމް ބަނދެގެން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނީއެވެ. ތަމައްތުޢުކޮށް ޙައްޖުވާ މީހާ ހަދްޔު ކަތިލަން ޖެހޭނެއެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ ޖެހޭނީ 10 ދުވަހު ރޯދަ ހިފާށެވެ. (އެއީ؛ ޙައްޖުގެ ތެރޭގައި 3 ދުވަހާއި، އެނބުރި ރަށަށް ދިޔުމަށްފަހު 7 ދުވަހެވެ.)

 

 

2- ޙައްޖު ޤިރާން

 
ޤިރާން
 
ޢުމްރާ
 
ޙައްޖު
 
ހަދްޔު ކަތިލަން ޖެހޭ
 

ޤިރާން ކޮށް ޙައްޖުވުމަށް އެދޭ މީހާ، ޙައްޖުގެ މައްސަރުތަކުގެ ތެރޭގައި (އެބަހީ؛ ޝައްވާލް މަހާއި، ޛުލްޤަޢިދާ މަސް، އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި) މީޤާތުން އިޙްރާމް ބަނދެ މިފަދައިން ކިޔާނީއެވެ. (( لَبَّيْكَ عُمْرَةً وَحَجاًّ ))

އެއަށްފަހު މައްކާއަށް ގޮސް ޠަވާފުލް ޤުދޫމް ކުރުމަށްފަހު، ޙައްޖާއި ޢުމްރާއަށް ސަޢުޔު ކުރާނީއެވެ. [ޤިރާންކޮށް ޙައްޖުވާމީހާ ޙައްޖާއި ޢުމްރާގައި ކުރާނީ އެއް ސަޢުޔެވެ. އޭގެ މާނައަކީ، ޞަފާއާއި މަރުވާ އާއި ދޭތެރޭ 7 ބުރު ޖެހުމެވެ. ޞަފާއިން މަރުވާއަށް އެއީ އެއްބުރެވެ. މަރުވާއިން ޞަފާއަށް އެއީ އަނެއް ބުރެވެ.]

އެއަށްފަހު، އިޙްރާމްގައި، ޙައްޖުމަހުގެ 8ވަނަދުވަހާ ހަމައަށް މައްކާގައި ހުރުމަށްފަހު، އެދުވަހު މަޝާޢިރުތަކަށްގޮސް ބާކީ ހުރި މަނާސިކުތައް އަދާކުރާނީއެވެ. އެހެންނަމަވެސް އޭނާ ދެން އިތުރު ސަޢުޔެއް ކުރާކަށް ނުޖެހޭނެއެވެ. އެހެނީ އޭނާ ވަނީ ޙައްޖުގެ ސަޢުޔު ކުރީގައި ކޮށްފައެވެ.

ޤިރާންކޮށް ޙައްޖުވާ މީހާ ހަދްޔު ކަތިލަން ޖެހޭނެއެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ ޖެހޭނީ 10 ދުވަހު ރޯދަ ހިފާށެވެ. (އެއީ؛ ޙައްޖުގެ ތެރޭގައި 3 ދުވަހާއި، އެނބުރި ރަށަށް ދިޔުމަށްފަހު 7 ދުވަހެވެ.)

 

 

 

3- ޙައްޖު އިފްރާދު

 

 
އިފްރާދު
 
ހަމައެކަނި ޙައްޖު
 
ހަދްޔު ކަތިލަން ނުޖެހޭ

އިފްރާދުކޮށް ޙައްޖުވުމަށް އެދޭ މީހާ، ޙައްޖުގެ މައްސަރުތަކުގެ ތެރޭގައި (އެބަހީ؛ ޝައްވާލް މަހާއި، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި) މީޤާތުން އިޙްރާމް ބަނދެ މިފަދައިން ކިޔާނީއެވެ. (( لَبَّيْكَ حَجاًّ ))

އެއަށްފަހު މައްކާއަށް ގޮސް ޠަވާފުލް ޤުދޫމް ކުރުމަށްފަހު، ޙައްޖުގެ ސަޢުޔު ކުރާނީއެވެ. އެއަށްފަހު އިޙްރާމުގައި ޙައްޖުމަހުގެ 8 ވަނަދުވަހާއި ހަމައަށް މައްކާގައި ހުންނާނީއެވެ.

ދެން ޙައްޖުމަހުގެ 8ވަނަދުވަހު މަޝާޢިރުތަކަށް ނުކުމެ، ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނީއެވެ. އިފްރާދުކޮށް ޙައްޖުވާ މީހާ ހަދްޔު ކަތިލަން ނުޖެހޭނެއެވެ.

ސަބަބަކީ ހަދްޔު ކަތިލަން ޖެހޭނީ ޙައްޖާއި ޢުމްރާ އެކީގައި ކުރާ މީހުން ކަމަށްވާތީއެވެ.