<<

ޙައްޖުމަހުގެ 8 ވަނަ ދުވަސް

>>

 
 
މެންދުރު ކުރި
 
މެންދުރު ނަމާދާއި އަޞުރުނަމާދާއި، މަޣްރިބްނަމާދާއި ޢިޝާނަމާދު
 
މިނާގައި ރޭކުރުން

 

ޙައްޖުގެ ކަންތައްތައް ފެށޭނީ ޙައްޖުމަހުގެ އަށްވަނަ ދުވަހުއެވެ.

އެދުވަހަކީ އައްތަރުވިޔާގެ ނަމުން ނަންދެވިފައިވާ ދުވަހެވެ.

ތަމައްތަޢު ޙައްޖަކުން ޙައްޖުވާ މީހާ އިޙްރާމް ބަންނާނީ އެދުވަހުގެ ޟުޙާ ވަގުތުގައެވެ. ހައްޖައް އިޙްރާމް ބަނުމުގެ ކުރިން އޭނާ އުމުރާއަށް އިޙްރާމް ބަނުމުގެ ކުރިންވެސް ކަންތައްތައް ކުރިގޮތަށް ކުރާނީއެވެ. އެއީ ފެންވެރުމާއި މީރުވަސް ދުވާ އެއްޗެއް ގައިގާ ލުމާއި އަދި ނަމާދު ކުރުމެވެ. އެއަށްފަހު އޭނާ މައްކާގައި މަޑުކޮށްގެން ހުރިތަނުން އިޙްރާމް ބަންނާނީ އެވެ. މިއީ ތަމައްތަޢު ޙައްޖުވެރީން ކަން ކުރާ ގޮތެވެ.

މިއާއި ޚިލާފަށް ޤިރާން ޙައްޖާއި އިފްރާދް ޙައްޖުވާމީހުން ތިބޭނީ ކުރީންވެސް ތިބިގޮތަށް އިޙްރާމް އިޙްރާމް ނުކަނޑައެވެ.

ދެން މި ހުރިހާ ޙައްޖުވެރިންވެސް އަށްވަނަ ދުވަހުގެ މެންދުރުވުމުގެ ކުރިން މިނާއަށް ދާން ނުކުންނާނީއެވެ. މިނާގައި މެންދުރުނަމާދާއި އަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދު، މި ހުރިހާ ނަމާދެއްވެސް ކުރާނީ  އެނަމާދެއްގެ ވަގުތުގައި ޖަމްޢުކުރުމަކާއި ނުލައި ޤަޞްރުކޮށެވެ. (އެބަހީ: މަޤްރިބްނަމާދު ފިޔަވައި އަނެއް ތިން ނަމާދުގެ 2 ރަކުޢަތެވެ.މަޤްރިބްނަމާދުގައި ކުރާނީ 3 ރަކުޢަތެވެ.) ޙައްޖުމަހުގެ 9 ވަނަ ވިލޭރޭ މިނާގައި ރޭކޮށް އެރޭގެ ފަތިސްނަމާދުވެސް ކުރާނީ މިނާގައެވެ. މިނާއަށް އައްތަރުވިޔާ ދުވަހުގެ ކުރިންގޮސް މަޑުކޮށްގެން ހުރި މީހަކުނަމަ އޭނާވެސް އިޙްރާމް ބަންނާނީ އައްތަރުވިޔާ ދުވަހުގެ ޟުޙާ ވަގުތު މިނާގައި ހުރެގެންނެވެ.

ސުންނަތް ގޮތަކީ ޙައްޖުވެރިޔާ އައްތަރުވިޔާ ދުވަހުގެރޭ މިނާގައި ރޭކުރުމެވެ. ދެން މިނާގައި ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ފަތިސްނަމާދު ކުރުމަށްފަހު އިރުއެރުމަށް ދާންދޭން މަޑުކުރާނީއެވެ. ދެން އެއަށްފަހު މަޑުމައިތިރިކަމާއެކު ތަލްބިޔާ ކިޔަމުން އަދި ﷲ ތަޢާލާއަށް ޛިކުރު ކުރަމުން އަރަފާތަށް ދިއުމަށް ދަތުރު ފަށާނީއެވެ.

ޛިކުރު ކުރުމުގައި އޭނާ ބޭނުން ޛިކުރެއް ކުރެވިދާނެއެވެ. އަދި މާތް ﷲ އަށް ގިނަގިނައިން ޝުކުރުކޮށް ޛިކުރު ކުރެވިދާނެއެވެ. އަދި އޭނާ ބޭނުންނަމަ ޤުރުއާން ވެސް ކިޔެވިދާނެއެވެ.