<<

ޙައްޖުމަހުގެ 9 ވަނަ ދުވަސް

>>

 
 
އިރުއަރާ ވަގުތުން ފެށިގެން
 
މެންދުރު އަދި އަޞްރު ޤަޞްރުކޮށް ޖަމްޢުކޮށްކުރުން
 
އިރު އޮއްސެންދެން
 
އިރު އޮއްސުމުން މުޒްދަލިފާއަށް

 

ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަރަފާތުގައި މަޑުކުރުމަކާއި ނުލައި ޙައްޖު ޞައްޙަ ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ."........." "ޙައްޖަކީ ޢަރަފާތެވެ."

އަދި ޢަރަފާތްދުވަހަކީ އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކަންބޮޑު ދުވަހެވެ.

އެދުވަހު ވަފްދުވަފްދަށް ޙައްޖުވެރީން ޢަރަފާތް ބިމަށް އެއްވާނެއެވެ. އަދި މި މަތިވެރިވެގެންވާ ދުވަހުގެ އިރު އެރީއްސުރެ އިރު އޮއްސުމަށް ދާންދެން ޙައްޖުވެރީން އެތާގައި މަޑުކޮށްގެން ތިބޭނެއެވެ. އަދި އެދުވަހަކީ ﷲ ތަޢާލާ ފަހުރުވެވޮޑިގަންނަވާ ދުވަހެވެ. ޞަޙީޙް މުސްލިމުގައި އައްނަބިއްޔު ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިކަމަށް ޢާއިޝަތު ރަޟިޔަﷲ އަންހާ ރިވާކުރެއްވިއެވެ. ((مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ، وَإِنَّهُ لَيَدْنُو ثُمَّ يُبَاهِيْ بِهِمُ الْمَلاَئِكَةَ، فَيَقُوْلُ: مَا أَرَادَ هَؤُلاَءِ؟))   މާނަ:" ޢަރަފާތްދުވަހު ސަލާމަތްކުރައްވާ ވަރަށްވުރެ ގިނައިން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ. އެކަލާނގެ އެދުވަހު ކުއްތަންވެވޮޑިގަންނަވައި ދެން ތިޔަބައިމީހުންގެ ސަބަބުން މަލާއިކަތް ބޭކަލުންގެ އަރިހުގައި ފަހުރުވެވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެއެވެ. މި ބައިމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"

މާތް ﷲގެ ފަޟްލުވަންތަކަމާއި އިޙްސާންތެރިކަމަށް އަހަރެމެން އެދެމެވެ...

  

ސުންނަތް ވެގެންވާ ގޮތަކީ ޙައްޖުވެރިޔާއަށް މާބުރަކަމަކަށް ނުވާނަމަ މެންދުރު ވަގުތު ނަމިރާއަށް ދިއުމެވެ.

މެންދުރު ވަގުތުވުމުން އިމާމުމީހާ ޚުޠުބާއެއް ދޭނެއެވެ. ދެން އެއަށްފަހު ޙައްޖުވެރީންނާއެކު މެންދުރާއި އަޞްރުނަމާދު ޤަޞްރުޖަމްޢުކޮށް ކުރާނެއެވެ. އެއީ އެއް ބަންގި ދީފައި ދެ ޤަމަތް ދީފައެވެ. އެއީ ރަސޫލު ޞައްލަﷲ އަލައި ވަސައްލަމް އެކަން ކުރެއްވި ގޮތެވެ. އެދެނަމާދުގެ ކުރިން ނުވަތަ ދެމެދުގައި ނުވަތަ ފަހުންވެސް އިތުރު އެހެން ނަމާދެއް ނުކުރާނެއެވެ.

ޙައްޖުވެރިޔާ އޭނާ ނަމާދުކޮށް ނިމުމުން އޭނާއަށް ހުރެވުނީ ޢަރަފާތުގެ ހުދޫދުގެ ތެރޭގައިތޯ އަދިވެސް އެއްފަހަރު ބަލައި ޔަޤީން ކޮށްލާށެވެ.

މި ބަރަކާތް ތެރިވެގެންވާ ދުވަހު ޙައްޖުވެރީން ވަރަށްވެސް ބޮޑަށް ރައްކާތެރިވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ މިމާތް މަތިވެރި ދުވަހު މިމާތްބިމުގައި ކުރެވޭ ކަންތައްތަކުގެ ޘަވާބާއި އަޖުރުން މަޙްރޫމް ވެގެންދާނެ ކުށްތަކުން ދުރުވެ ހުރުމެވެ.