<<

އިޙްރާމް ބަނުމަށްފަހު ކުރުން މަނާ ކަންތައްތައް

>>

 
 
 

މީޤާތުން އިޙްރާމް ބަނުމަށްފަހު އަންނަނިވި ކަންތައްތައް ކުރުން ޙަރާމްވެގެންވެއެވެ.

 

 

·        ގައިން އިސްތަށްޓެއް ކެނޑުން ނުވަތަ ނިޔަފަތި ކެނޑުން، ނަމަވެސް އެއިން އެއްޗެއް ގަސްތަކާއި ނުލައި ފައިބައިފިނަމަ ނުވަތަ ހަނދާންނެތިގެން ނުވަތަ އެކަމުގެ ޙުކުމް ނޭގިހުރެ ގައިން އިސްތަށްޓެއް ނުވަތަ ނިޔަފައްޗެއް ކަނޑައިފިނަމަ މައްސަލައެއްނެތެވެ.

 

·        އިޙްރާމް ބަނދެގެން ހުންނަމީހާއަށް ގައިގާ ނުވަތަ ހެދުމުގައި ހުވަނދުލުން ޙަރާމްވާނެއެވެ. އިޙްރާމް ބަނުމުގެ ކުރިން ގައިގާ ލީ ހުވަނދެއްގެ އަސަރު ހުއްޓަސް މައްސަލައެއްނެތެވެ. ހެދުމުގައި ލީ ހުވަނދެއްގެ އަސަރު ހުރިނަމަ ދޮންނަންވާނެއެވެ.

 

·        މުސްލިމު މީހާ އިޙްރާމް ބަނދެގެން ހުއްޓަސް ނުވަތަ ނުބަނދެ ހުއްޓަސް، އަދި އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވިޔަސް ހަރަމުގެ އިމުގެތެރޭގައި އެއްޗެއް ޝިކާރަކުރުން ނުވަތަ ފަހައިގަތުން ނުވަތަ އެއިން ކަމަކަށް އެހީތެރިވުން ޙަރާމްވާނެއެވެ.

 

·        މުސްލިމު މީހާ އިޙްރާމް ބަނދެގެން ހުއްޓަސް ނުވަތަ ނުބަނދެހުއްޓަސް ހުރުމަތްތެރިވެގެންވާ ބިމުގައި ވެއްޓިފައިހުންނަ ލާރިއާއި، ރަނާއި، ރިއްސާއި އަދި އެނޫން އެއްޗެއްވިޔަސް އޭގެ ވެރިޔަކު ހޯދުމުގެ ނިޔަތުގައި މެނުވީ ނެގުން ހުއްދަވެގެން ނުވެއެވެ.

 
 

 

 

·        އިޙްރާމް ބަނދެގެން ހުންނަމީހާއަށް އަންހެނުންގެ ކިބައިން ކައިވެންޏަށް އެހުމާއި، ތިމާ ކައިވެނި ކުރުމާއި، އެހެންމީހެއްގެ ކައިވެނި އަޤްދުކޮށްދިނުމާއި، ޖިމާޢުވުމާއި، ޝަޙްވަތްތެރިކަމާއެކު އަނބިމީހާގެ ގައިގާ ބީހުން ހުއްދަވެގެންނުވެއެވެ. އެއީ ނަބީ ޞައްލަﷲ އަލައިހި ވަސައްލަމް ވިދާޅުވިކަމަށް ޢުޘްމާން ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި އަންނަނިވި ޙަދީޘުއްނެވެ.      " لا ينكح المحرم و لا ينكح و لا يخطب" މާނައީ "އިޙްރާމް ބަނދެގެން ހުންނަމީހާ ކައިވެނިކުރުމާއި ކައިވެނި އަޤްދުކޮށްދިނުމާއި ކައިވެންޏަށް އެހުމެއް ނެތެވެ." ރަވާހު މުސްލިމް.

·        އަންހެން މީހާ އިޙްރާމް ބަނދެގެން ހުންނައިރު އަތަށް އަންގިލެއްވުމާއި މޫނު ފޮތިކޮޅަކުން ނުވަތަ ބުރުގާއަކުން ވިޔަސް ނިވާކުރުން ހުއްދަވެގެންނުވެއެވެ. ނަމަވެސް ހިލޭ ފިރިހެނުންނަށް ފެންނަ ހިސާބެއްގައި އިޙްރާމް ނުބަނދެ ހުންނައިރެކޭ އެއްފަދައިން ބުރުގާއިން ނުވަތަ މޫނުފޮތިކޮޅަކުންނަމަވެސް މޫނު ނިވާކުރުން ވާޖިބު ވެއެވެ.

·        އިޙްރާމް ބަނދެގެން ހުންނަ ފިރހެންމީހާ އިހްރާމުން ބޯނިވާކުރުން ހުއްދަވެގެން ނުވެއެވެ. އެނޫނަސް ބޮލުގައި ތަތްވާ ގޮތަށްހުންނަ އެއްޗެތި، މިސާލަކަށް، ތާކިހާއާއި، ބޮލުފޮތިގަނޑާއި، ފަގުޑިފަދަ އެއްޗެތި ވިޔަސް މެއެވެ. އަދި ހަނދާންނެތިގެން ނުވަތަ އޭގެ ހުކުމް ނޭގިހުރެ ބޯފޮރުވައިފިނަމަ ހަނދާން ވީހާ އަވަހަކަށް ނުވަތަ ހުކުމް އެނގުމާއިއެކު އެއެއްޗެއް ބޮލުން ނަގަންޖެހޭނެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް ގެއްލުމެއްނެތެވެ.

 

އިޙްރާމް ބަނދެގެން ހުންނަ ފިރިހެން މީހާއަށް ފަހާފައިހުންނަ އެއްވެސް އެއްޗެއް އޭނާގެ މުޅި ހަށިގަނޑުގައި ނުވަތަ ހަށިގަނޑުން ބައެއްގައި ނަމަވެސް ލުން ހުއްދަވެގެންނުވެއެވެ. މިސާލަކަށް، ޖުއްބާ، ޤަމީސް، ފަޓްލޫން، ހަރުވާޅު އަދި ޚުއްފެވެ. ނަމަވެސް އިޒާރެއް (ތިރިން އަންނަ އިޙްރާމް) ނުލިބިއްޖެ ހިނދެއްގައި ހަރުވާޅެއްލުން ހުއްދައެވެ. އަދި ފައިވާނެއް ނުލިބިއްޖެނަމަ ޚުއްފުލުން ހުއްދައެވެ. އަދި އެކަމުން އޭނާއަށް އެއްވެސް ގެއްލުމެއް ނެތެވެ.