##siteName##


 އިރުޝާދު  

ޙައްޖުވެރިންނަށް 20 ނަސޭހަތް

10 އޮކްޓޯބަރ 2011
ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)


 

 

1-       ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.

2-        ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތް އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އަހައި އޮޅުން ފިލުވާށެވެ.

3-        ގިނަފަހަރު ޙައްޖުވެފައިވާ މީހެކޭ ބުނުވުމަށް، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޙައްޖު ނުވާށެވެ.

4-        ތިބާގެ އަޚާއާއި ބައްދަލު ވާ ހިނދު ހިނިތުން މޫނަކާއެކު ބައްދަލު ކުރާށެވެ. [ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ ހިނިތުން ވުމަކީ ވެސް ޞަދަޤާތެކެވެ.]

5-        ތިބާގެ މުސްލިމު އަޚުންނަށް ސަލާމް ކުރުމުގައި އިސްނަގާށެވެ. ސަލާމް ކުރުމުގައި ދަންނަމީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމް ކުރާށެވެ. އަދި ދަންނާށެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ.

6-        ވީ މިންވަރަކުން ތިބާގެ މުސްލިމު އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.

7-        އެހެން ޤައުމުތަކުގެ ޙައްޖުވެރިންނާ ސަލާމްކޮށް އެމީހުންނަށް ތަޢާރަފްވެ، އެމީހުންގެ ޤައުމުތަކުގައިވާ މުސްލިމު އަޚުންގެ ޙާލު އަޙުވާލު އޮޅުން ފިލުވާށެވެ.

8-        ތިބާގެ މުސްލިމު އަޚުން، އެބައިމީހުންގެ ފޮށިތަންމަތި އުފުލުމުގައި ތިބާގެ އެހީއަށް ބޭނުންވާތަން ފެނިއްޖެނަމަ އެމީހުންނަށް އެހީވާށެވެ.

9-        ސިގަރޭޓް ބުއިމުން އެއްކިބާވެ ދުރުހެލިވާށެވެ! އަދި ސިގަރޭޓް ބޯ މީހުންނާއިވެސް ދުރުހެލި ވާށެވެ.

10-   ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.

11-  ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުން އާދަ ކުރާށެވެ.

12-   ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައި ދުޢާކުރުން ގިނަ ކުރާށެވެ.

13-   ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރަމެވެ.

14-   ދީނީ ގޮތުން ކަންތައް އޮންނަގޮތް ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުން ފިލުއްވާށެވެ. އަމިއްލައަށް ހިތުހުރި ގޮތަކަށް ހަދައިގެން މި އަޅުކަން ބޭކާރު ނުކުރައްވާށެވެ.

15-   ޢަރަފާތް ދުވަހުގެ ކުރިން، ޤައުމުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައި، ޢަރަފާތްދުވަހު ރޯދަ ހިފުމަށް ވަޞިއްޔަތް ކުރާށެވެ.

16-   ޢީދު ދުވަހު ގާތްތިމާގެ މީހުންނަށް ގުޅައި، ޢީދުގެ ތަހުނިޔާ ކިޔާށެވެ.

17-   ތިބާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މި ލިޔުންކޮޅު ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން ހަނދާން ނައްތާ ނުލާށެވެ.

18-   ހޫނު ގަދަވެއްޖެނަމަ ހަނދުމަކުރާށެވެ. ނަރަކައިގެ ހޫނުކަން އެއަށްވުރެ ހޫނު ކަން ގަދަ އެވެ.

19-   މިނާގައި ޝައިޚުން ދެއްވާ ދީނީ ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.

20-   މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމުން އެއްކިބާވެ ހުންނާށެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2530 ފަހަރު