##siteName##


 ޙައްޖު 1431  

ޙައްޖުވެރިން މަދީނާއަށް ޒިޔާރާތް ކުރަމުން އެބަދޭ

31 އޮކްޓޯބަރ 2010
 : 

31 އޮކްޓޯބަރ 2010 (އާދީއްތަ): މަދީނާ

ދިވެހިރާއްޖެއިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އަދި ޙައްޖުވެރިން މިހާރު މަދީނާއަށް ޒިޔާރަތް ކުރަމުން އެބަދެއެވެ. މިގޮތުން މިހާރު ބައެއް ގުރޫޕްތަކުގެ ޙައްޖުވެރިން ވަނީ މަދީނާގެ ދަތުރު ނިންމާލާފައެވެ. އަދި ބައެއް ގުރޫޕްތަކުން މިހާރު މަދީނާގައި އެބަތިއްބެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިތުރު ގުރޫޕްތައްވެސް މަދީނާއަށް އަންނާނެއެވެ.

މިގޮތުން އަލްމަނާސިކް ޖަމާޢަތުގެ ޙައްޖުވެރިން 2 ފަހަރެއްގެ މަތިން މަދީނާއަށް އައިސް މިއަދު ދެވަނަ ޖަމާއަތް ވަނީ އެނބުރި މައްކާއަށް ދަތުރު ކޮށްފައެވެ.

އަލްޚައިރު ޖަމާއަތުގެ ޙައްޖުވެރިންގެ ތެރެއިން ތިރީހަކަށް ޙައްޖުވެރިން މިމަހުގެ 29 ވީ ހުކުރު ދުވަހު މަދީނާއަށް އައުމަށްފަހު މިއަދު މައްކާއަށް ދިޔުމަށް ފުރާފައިވެއެވެ. އަދި އެގުރޫޕްގެ ބާކީ ތިބި ޙައްޖުވެރިން މިއަދު މަދީނާއަށް އަންނާނެއެވެ.

އައްޞަފާ ގުރޫޕްގެ ޙައްޖުވެރިން ވަނީ މަދީނާގެ ދަތުރު ނިންމާލުމަށްފަހު މައްކާއަށް އެނބުރި ގޮސްފައެވެ. މި ޖަމާޢަތުގެ މީހުން މައްކާއަށް ދިޔައީ މިމަހުގެ 29 ވީ ހުކުރު ދުވަހުއެވެ.

މަލީޝާ ގުރޫޕާއި ޒަޢީ ގުރޫޕްގެ ޙައްޖުވެރިން މިހާރު ތިބީ މަދީނާގައެވެ. މި ދެޖަމާޢަތުގެ މީހުން ވަނީ މަދީނާގެ ޤުބާ މިސްކިތަށާއި އުޙުދުގެ މައިދާނަށް ޒިޔާރަތް ކޮށްފައެވެ.

މިއަދު 31 އޮކްޓޯބަރ 2010 ގެ ހަވީރުގެ ވަގުތެއްގައި އަތަމާ ޖަމާޢަތުގެ ހުރިހާ ޙައްޖުވެރިން މަދީނާއަށް އަންނާނެއެވެ.

އަދި ނޮވެމްބަރު މަހުގެ 3 ވާ ބުދަދުވަހުގެ ވަގުތެއްގައި ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިންވެސް މަދީނާއަށް ޒިޔާރަތް ކުރާނެއެވެ. ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި ޙައްޖަށްއައި 250 ޙައްޖުވެރިން މަދީނާއިން އެނބުރި މައްކާއަށް ދާނީ ނޮވެމްބަރު މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.

މަދީނާއަށް ޙައްޖުވެރިން ކުރަމުންދާ ޒިޔާރަތުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންދަނީ ވަރަށް ހީވާގިކަމާއެކު ޙަރަކާތްތެރިވަމުންނެވެ. ޙައްޖުވެރިންނާއި ޙައްޖު ގުރޫޕްތަކަށް އެހީތެރިވުމުގައި އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންގެ މަސައްކަތަކީ ޤައުމީ ފެންވަރުގައި އެކަން ބަލައިގަންނަންޖެހޭ ކަމެއް ކަމުގައި ނޫރުލްއިސްލާމުން ދެކެމެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1462 ފަހަރު