 ޞަޙީހުލްބުޙާރީ އަދި ޞަޙީހު މުސްލިމުގައި ރިވާ ވެގެން އައިސްފައިވާ ގޮތުގައި ޙައްޖުގެ ކުރީގައި ނުވަތަ ފަހުގައި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމުގެ މިސްކިތް ، އަލްމަސްޖިދުއްނަބަވީ އަށް ޒިޔާރަތްކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ އަލަހި ވަސައްލަމް ޙަދީޘް ކުރައްވާ ކަމަށް އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. { صَلاَةٌ فِي مَسجِدِي هَذَا خَيرٌ مِن أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ المَسجِد الحَرَام } () " ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ( އެބަހީ: އަލްމަސްޖިދުއްނަބަވީގައި ) ކުރާ އެއް ނަމާދު، އަލްމަސްޖިދުލްހަރާމް ފިޔަވައި އެހެންމިސްކިތެއްގައި ކުރާ 1000 އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ."
އަދި އިބްނު ޢުމަރު ރަޟިޔަﷲ އަނހު އަރިހުން ރިވާ ވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމު ޙަދީޘްކުރެއްވިއެވެ. { صَلاَةٌ فِي مَسجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِد الحَرَامَ } () (رواه مسلم) " ތިމަންކަލޭގެފާނުގެ މިމިސްކިތުގައި (އެބަހީ: އަލްމަސްޖިދުއްނަބަވީގައި) ކުރާ އެއް ނަމާދުގެ ޘަވާބާއި ދަރުމަ އަލްމަސްޖިދުލްހަރާމް ފިޔަވައި އެހެންމިސްކިތެއްގައި ކުރާ 1000 އެއްހާސް ނަމާދަށްވުރެ މާތްވެގެންވެއެވެ."
ޢަބްދުﷲ ބުނު ޒުބައިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމު ޙަދީޘް ކުރެއްވިއެވެ. { صَلاَةٌ فِي مَسجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِد الحَرَامَ وصَلاَةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ صَلاَةٍ فِي مَسْجِدِيْ هَذَا } () أخرجه أحمد وابن خزيمة وابن حبان " ތިމަންކަލޭގެފާނުގެ މި މިސްކިތުގައި ކުރާ އެއްނަމާދު އަލްމަސްޖިދުލްހަރާމް ފިޔަވައި އެހެން މިސްކިތެއްގައި ކުރާ 1000 ނަމާދަށްވުރެ މާތްވެގެންވެއެވެ. އަދި އަލްމަސްޖިދުލްހަރާމް ގައި ކުރާ އެއް ނަމާދު، ތިމަންކަލޭގެފާނުގެ މިމިސްކިތުގައި (އަލްމަސްޖިދުއްނަބަވީ ގައި) ކުރާ 100 ނަމާދަށްވުރެ މާތްވެގެންވެއެވެ.
އަދި ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. { صَلاَةٌ فِي مَسجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِد الحَرَامَ وصَلاَةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلاَةٍ فِيمَا سِوَاهُ } (). أخرجه أحمد وابن ماجه. " ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރާ އެއް ނަމާދު، އަލްމަސްޖިދުލް ޙަރާމް ފިޔަވައި އެހެން މިސްކިތެއްގައި ކުރެވޭ 1000 ނަމާދަށްވުރެ މާތްވެގެންވެއެވެ. އަދި އަލްމަސްޖިދުލް ޙަރާމްގައި ކުރާ އެއްނަމާދު އެހެން މިސްކިތެއްގައި ކުރެވޭ 100000 (އެއްލައްކަ) ނަމާދަށްވުރެ މާތްވެގެންވެއެވެ.
މި މާނައިގައި ރިވާވެގެންވާ ޙަދީޘްތައް ނުހަނު ގިނަގުނަ ވެގެންވެއެވެ.
|