ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު  

"މިއަޅާ ޙާޟިރުވަމެވެ. އިބަ ﷲއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ."

14 އޮކްޓޯބަރ 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)


މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކުރުމަކީ އިސްލާމްދީނުގެ އަސާސެވެ. މާތްﷲ މި ދިނުގައި ލައްވާފައިވާ ހުރިހާ އަޅުކަމެއްވެސް ދައުރުވެގެންދަނީ މި މަތިވެރި އަސާސުގެ މަތީގައެވެ.  އެހެނީ އެއީ އެކަލާނގެ މި އިންސާނާ އުފެއްދެވި މަޤްޞަދެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ: { وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ} ( الذاريات 56 ) މާނައީ: " ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." މިއާޔަތުގެ ތަފްސީރުގައި " ليعبدون " ގެ މާނައިގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅަނީ " ليوحدون " އެބަހީ: "އެއްކައުވަންތަ ކުރުމަށެވެ." އަދި މާތްﷲ ރަސޫލުން ފޮނުއްވެވީވެސް އެކަލާނގެ އެއްކައުވަންތަކަށް ބަޔާން ކޮށްދިނުމަށްޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ { وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ} ( النحل 36 ) މާނައީ: " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. "

 

ޙައްޖުގެ އަޅުކަމުގެ މައިގަނޑު ޝިޢާރުތައް ބިނާވެގެންވަނީ މާތް ﷲ ގެ ވަޙްދާނިއްޔަތު އެއްކައުވަންތަކަމުގެ މައްޗަށެވެ. އަދި ކިއެއްތަ ކަޢުބާ ބިނާކުރެވި ޙައްޖު ފަރުޟު ކުރެވުނީވެސް މި މަތިވެރި މަޤްޞަދުގައެވެ. މާތް ﷲ ވަހީ ކުރައްވަނީ: { وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ} ( الحج 26) މާނައީ: " إبراهيم ގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ! އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدة ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ!" ޙައްޖު ސޫރަތުގެ އާޔަތްތަކުގައި ޝިރުކާއި އޭގެ ނުބައިކަމުން މީސްތަކުންނަށް އިންޒާރު ކުރައްވާފައިވެއެވެ. މާތް ﷲ ވަހީ ކުރައްވަނީ : { فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ ﴿٣٠ حُنَفَاءَ لِلَّـهِ غَيْرَ مُشْرِكِينَ بِهِ } ( الحج 30-31 ) މާނަ: " ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ! اللَّه އަށް إخلاص ތެރިވެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެތިބެ، އެކަލާނގެއަށް شريك ނުކުރާ حال ގައެވެ. "

 

އަޅުގަނޑުމެން ޙައްޖުގެ އަޅުކަމާމެދު ވިސްނާލައިފި ނަމަ ފެނިގެންދާނީ އިސްވެ ދެއްނެވުނު، މާތް ﷲ ގެ އެކައުންވަންތަކަމަށް މި އަޅުކަމުގައި ދީފައިވާ އަހައްމިއްޔަތު ކަމެވެ. ނިކަން ތަލްބިޔާ އަށް ވިސްނަވާލައްވާށެވެ. އެއީ ޙައްޖުގެ ޝިޢާރެވެ. އޭގައި މީސްތަކުންގެ ދުލުން އިޢުލާން ވެގެންދަނީ މާތްﷲ ގެ އެއްކައުވަންތަކަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަލްބިޔާގެ ގޮތުގައި އަންނަނިވި ލަފްޒު ވިދާޅުވާކަމަށް އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ تَلْبِيَةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (  لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ  ) صحيح مسلم. މާނަ: " މިއަޅާ ޙާޟިރުވަމެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ޙާޟިރު ވަމެވެ. މިއަޅާ ޙާޟިރުވަމެވެ. އިބަ ﷲއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. މިއަޅާ ޙާޟިރުވަމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދަކާއި، އެންމެހާ ނިޢުމަތަކާއި، އެންމެހާ ވެރިކަމެއްވަނީ އިބަ ﷲ އަށެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. "  ހަމަ އެހެންމެ ޠަވާފުގެ ދެރަކުޢަތުގައި އެކަލާނގެ އެއްކައުވަންތަ ކުރެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބާ ވުމުގެ ގޮތުން މި ދެރަކުޢަތުގައި އަޅުގަނޑުމެން ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔަވަމުއެވެ. މި ދެ ސީރަތުގެ ވެސް ވަނީ މާތް ﷲ އެއްކައުންވަންތަ ކުރުމެވެ. ޠަވާފު ނިމުމަށްފަހު ސަޢުޔު ކުރަން ގޮސް އަޅުގަނޑުމެން ކުރާ ދުޢާގައިވެސް ވަނީ ހަމަ ތައުހީދުގެ ކަލިމަތަކެވެ. عَن جَابِرِ رضي الله عنه  قال: بَدَأَ بِالصَّفَا فَرَقِيَ عَلَيْهِ حَتَّى رَأَى الْبَيْتَ فَاسْتَقْبَلَ الْقِبْلَةَ فَوَحَّدَ اللَّهَ وَكَبَّرَهُ وَقَالَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ) رواه مسلم. މާނަ: ގެފުޅު ފެނިވަޑައިގަންނަވަންދެން ޞަފާއަށް އަރައިވަޑައިގެން ޤިބްލައަށް ކުރިމަތިލައްވާ ﷲ އެއްކައުވަންތަކޮށް ތަކުބީރު ވިދާޅުވެ އަންނަނިވި ދުޢާ ކުރައްވަތެވެ " ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެންމެހާ ވެރިކަމެއް ލިބިވޮޑިގެންވަނީ އެކަލާނގެ އަށެވެ. އަދި އެންމެހާ ޙަމްދެއް ލިބިވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވޮޑިގެންވާ ރަސްކަލާނގެ އެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނަގެ އެއްކައުވަންތައެވެ. އެކަލާނގެ ވަޢުދުފުޅު އެކަލާނގެ ފުއްދަވައިފިއެވެ. އަދި އެކަލާނގެ އަޅާއަށް ނަޞްރު ދެއްވައިފިއެވެ. އަދި ދުޝްމިނުންގެ ޖަމާޢަތްތައް ގިނިކަންޏާ ބަލިކުރައްވައިފިއެވެ." އަދި ޢަރާފާތުގައި އަންނަނިވި ދުޢާ ކިޔުން އެކަލޭގެފާނު صلى الله عليه وسلم ގިނަ ކުރައްވައެވެ. : ( لَا إلَه إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلّ شَيْءٍ قَدِيرٌ) رواه الترمذي  މާނަ: " ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެންމެހާ ވެރިކަމެއް ލިބިވޮޑިގެންވަނީ އެކަލާނގެ އަށެވެ. އަދި އެންމެހާ ޙަމްދެއް ލިބިވޮޑިގެންވަނީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެވޮޑިގެންވާ ރަސްކަލާނގެއެވެ."

 

ޙައްޖުގެ މުޅި އަޅުކަމުގައި ވަނީ ޖާހިލިއްޔަޒަމާނުގެ ޝިރުކުތަކާ ދެކޮޅަށް ހުރި ކަންތައްތަކެވެ. ޙައްޖުގެ ޝިޢާރުތަކުގައި ވަނީ މުޅިންވެސް ތައުހީދެވެ. އެ އިލާހުގެ އެއްކައުވަންތަކަން ބަޔާން ކުރުމެވެ. މިހެންކަމުން ޤަބުރުތަކަށްގޮސް ކަންކަމަށްއެދި އަދި އެކަށީގެންނުވާ ދުޢާ ކޮށްގެން ޙައްޖުގެ ޙަޤީޤީ މާނަ ޙާޞިލުވާނެހެއްޔެވެ! ހަމަ ޔަޤީނުންވެސް ނުވާނެވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: { ذَٰلِكُمُ اللَّـهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ ﴿١٣ إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ } ( فاطر 13، 14) މާނަ: " އެއީ اللَّه އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަކަމާމެދު قيامة ދުވަހުން އެފަރާތްތައް إنكار ކުރާނެތެވެ. خبر ތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ފަދައިން ކަލޭގެފާނަށް خبر ދޭނެ ހަމަ އެކަކުވެސް ނެތެވެ."

 

މިހެންކަމުން ތިމާގެ ޙައްޖުގެ ފުރިހިމަ ކަން ލިބިގަތުމަށް އެންމެހައި ޝިރުކުތަކުންނާއި އަދި ފާފަތަކުން ސަލާމަތްވާން ޖެހޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލަގެ އެއްކައުވަންތަކަން ޙާޤީޤީގޮތުގައި ޢަމަލުތަކުން ދައްކަން ޖެހޭނެއެވެ. މާތް ﷲ އަޅުގަނޑުމެންގެ ޙައްޖަކީ ފުރިހަމަ ޙައްޖެއްގެ ގޮތުގައި ލައްވާށި! އާމީން!
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3531 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429