ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1432  

ޙައްޖުގެ އަޅުކަމަށް ފަހު........!

6 ޑިސެމްބަރު 2011

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން


 

ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި އަޅުކަންތައް ޝަރުޢު ކުރައްވާފައިވަނީ މަތިވެރި ޙިކުމަތްތަކަކާއި މަޤްޞަދުތަކަކަށްޓަކައެވެ. އެއީ އީމާންތެރިކަން ވަރުގަދަ ކުރުމާއި ނަފުސުތަށް ތާޒާކުރުމަށާއި ތިމާގެ ސުލޫކާއި އަޚްލާޤް ވަރުގަދަކޮށް ހަރުދަނާ ކުރުމަށްޓަކައެވެ. މިހެންކަމުން ތިމާ ކުރާ އަޅުކަންތަކުގެ ސަބަބުން އިސްވެދިޔަ މަޤްޞަދުތައް ޙާޞިލުނުވާކަމަށް ވަނީނަމަ އެ އަޅުކަންތަކުން ކުރި ފައިދާއަކީ ކޮބައިހެއްޔެވެ؟

 

މިގޮތުން މާތްވެގެންވާ ޙައްޖުގެ އަޅުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފިނަމަ ތިމާގެ ދުނިޔަވީ ޙާޔާތަށާއި އުޚުރަވީ ޙަޔާތަށް ޙައްޖުގެ ސަބަބުން މާތް އަސަރުތަކެއް ކުރާނެއެވެ. މިހެންކަމުން ޙައްޖުވެރިޔާ އަށް މާތްﷲ މި ދެއްވި ގެފުޅަށް ޒިޔާރަތްކޮށް ޙައްޖުވުމުގެ މަތިވެރި ނިޢުމަތަށްޓަކައި ވަގުތުކޮޅެއް ހޭދަކޮށްލުން ހުއްޓެވެ. ތިބާގެ ހާލާމެދު ވިސްނާލާށެވެ! ނަފުސާމެދު ހިތާ ސުވާލު ކުރައްވާށެވެ! ތިބާގެ އުޅުމާއި ގުޅުން އިސްލާޙުކޮށް ރަނގަޅު ކޮށްލާށެވެ!

 

މިހެންކަމުން ފުރަތަމަ ކަމަކަށް މާތް ﷲ މިދެއްވި މަތިވެރި ނިޢުމަތުގެ މަތިން ހަނދުމަކޮށްލުން ހުއްޓެވެ. މާތްﷲގެ ގެފުޅަށް ޒިޔާރަތް ކުރުމުގެ މަތިވެރިކަން މި ވަނީ ދެއްވާފައެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޙައްޤު ގޮތުގައި ޝުކުރު ކުރުން ހުއްޓެވެ. މި މަތިވެރި އަޅުކަން ކުރުމަށް އެދިއެދި ތިބި އެތައްބަޔަކު މަހުރޫމުވެގެންވާ ޙާލު، ތިބާއަށް މި އަޅުކަން އަދާކުރެވުނު ކަމަށްޓަކައެވެ. މާތް ﷲ އަށް ޝުކުރު ވެރިވުމަކީ ގެއްލެނިވުމުން ރައްކާތެރިވެ އެކަލާނގެއަށް އަޅުކަން ކުރުންމަތީ ތާއަބަދު މިދީނުގެ މަތީގައި ޘާބިތުވުމެވެ.

 

ދަންނާށެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެންމެ މުހިއްމު ކަމަކަށް ހަދަންވީ މިދީނުގެ މަތީގައި ޘާބިތުވެ ހުރުމެވެ. ކުރެވުނު ތިޔަ މަތިވެރި ޢަމަލު ރައްކާތެރިކޮށް މާތްﷲގެ ޙަޟްރަތުގައި އެދެންވީ ތިބާއަށްޓަކައި މި ދީން ރައްކާތެރި ކޮށްދެއްވުއްމެވެ. މާތް ﷲ އަށް އަޅުކަން ކުރުމަށް ތައުފީޤު ދެއްވުމާއި އެންމެހައި ނުބައިތަކުން ސަލާމަތް ކުރެއްވުމެއެވެ. އެއީ އަންނަނިވި އާޔަތުގައި ވާ މީސްތަކުންނާއި އެކު ވުމަށްޓަކައެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَـٰئِكَ رَفِيقًا﴾  ( النساء:69 ). މާނައީ: " اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ."

 

އިންސާނުންގެ ޢަމަލުތައް ބާޠިލުކޮށް އަދި އަޅުކަންތަކުން ދުރުވުމުގެ ނުރައްކާތެރިކަން އަންގަވާ މާތް ﷲ ވަނީ މިޘާލު ޖައްސަވާފައެވެ. އެކަލާނގެ ވަޙީކުރައްވަނީ: ﴿أَيَوَدُّ أَحَدُكُمْ أَن تَكُونَ لَهُ جَنَّةٌ مِّن نَّخِيلٍ وَأَعْنَابٍ تَجْرِي مِن تَحْتِهَا الْأَنْهَارُ لَهُ فِيهَا مِن كُلِّ الثَّمَرَاتِ وَأَصَابَهُ الْكِبَرُ وَلَهُ ذُرِّيَّةٌ ضُعَفَاءُ فَأَصَابَهَا إِعْصَارٌ فِيهِ نَارٌ فَاحْتَرَقَتْ ۗكَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ ﴾  ( البقرة 266 ) މާނައީ: " ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެ ހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ."  

މިއީ އިންސާނާ ހެޔޮޢަމަލުތައް ކޮށް ފަހުން ނުބައިކަމަށް ރުޖޫޢަވެ އޭނަގެ ހެޔޮކަންތައް ނުބައިކަންތަކަށް ބަދަލު ކުރާ މީހުންނަށް ޖެއްސެވި މިޘާލެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސް މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ. " ضُربت لرجل غني يعمل بطاعة الله ، ثم بعث الله له الشيطان، فعمل بالمعاصي حتى أغرق أعماله " رواه البخاري . "މާތް ﷲ ރުއްސަވާ ޢަމަލުތައްކޮށް އުޅުނު މުއްސަނދި މީހެއްގެ މިސާލު ޖެހުނެވެ. އެމީހާގެ ގާތަށް ޝައިޠާނާ ފޮނުވުނެވެ. އަދި އޭނާގެ ޢަމަލުތައް ޣަރަޤްވެގެން ދާންދެން އޭނާ ފާފަތައް ކުރުމުގައި ވިއެވެ."

 

ލޮބުވެތި ޙައްޖުވެރިންނޭވެ! ނިކަން ވިސްނާ ފިކުރުކޮށްލައްވާށެވެ. ޤަބޫލު ކުރައްވަނިވި ޙައްޖެއްގައި ޢަލާމާތްތަކެއް ވާނެއެވެ. މީގެތެރެއިން އެންމެ ފާޅުކަންބޮޑު އަލާމާތަކީ މާތް ﷲ އަށް އަޅުވެތިވުމުގައި ދެމި ހުރުމެވެ. އަދި ޙައްޖުގެ އަޅުކަމުގެ ކުރިން ތިބާހުރި ހާލަތަށް ވުރެ ޙައްޖުގެ ފަހުން ތިބާގެ ހާލަތު ރަނގަޅުވުމެވެ.

 

އަޅުގަނޑު ޤަބޫލުކުރަނީ ތިބާ މި ޙައްޖުގެ މުހިއްމު ޙިކުމަތްކަމަށްވާ މާތް ﷲ އަށް އަޅުކަން ކުރުމުގައި އެކަލާނގެ އެއްކައުވަންތަކުރުމުގެ މާތް މަޤުޞަދު ލިބިގަންކަމެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީ ތަކުން ދުރުވުމެވެ. އަދި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތައް ތަބާވުމެވެ. މިއީ ހަމަ އެކަނި ވަކި މޫސުމަކަށް ނުވަތަ ވަކި މަހަކަށް ޚާއްޞަކަމެއް ނޫނެވެ. މިއީ އިންސާނާގެ މުޅި ހަޔާތުގައި ޢަމަލު ކުރަންޖެހޭގޮތެވެ. މާތް ﷲ ވަޙީ ކުރައްވަނީ: ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ ﴾ ( الحجر 99) . މާނަ: " އަދި ކަލޭގެފާނުގެ އަރިހަށް يقين ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!"

ތިބާގެ ހާލަތު ހުންނަން ވާނީ މި އާޔަތުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ގޮތަށެވެ. އެކަލާނގެ ވަޙީ ކުރައްވަނީ: ﴿وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ﴾  ( المؤمنون 60 ) މާނަ: " އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقات ގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ."

 

ލޮބުވެތި ޙައްޖުވެރިންނޭވެ. މި ޙައްޖަކީ ތިބާގެ ޙަޔާތް މާތް ﷲ އަށްޓަކައި ބަދަލުކުރެވިގެންދިޔަ ސަބަބަކަށް ހައްދަވާށެވެ. ތިބާ ކުރިން ހިނގަމުން އައި ގޯސްމަގުން ތިބާ އެއްކިބާކޮށް ހެޔޮމަގަށް އަޅާ ހިސާބަކަށް ހައްދަވާށެވެ. ޙައްޖުގެ ސަބަބުން ތިބާގެ އަޚްލާޤަށާއި، ބަސްމޮށުންތެރި ކަމަށާއި ޢަމަލުތަކަށް އައި ބަދަލާމެދު ވިސްނަވާށެވެ. ކިތަންމެ ކުޑަ ކަމެއް ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބައްލަވާށެވެ. ތިބާގެ ޙަޔާތުން އައު ޞަފްހާއެއް ހުޅުވާލައްވާށެވެ.

 

މާތް ﷲ އަޅަމެންގެ ޙައްޖަކީ ޤަބޫލުކުރަނިވި ޙައްޖެއްގެ ގޮތުގައި ލައްވާށިއެވެ! މި ޙައްޖުގެ ސަބަބުން އަޅަމެންގެ ފާފަތައް ފުއްސަވައި އަޅަމެން ކުރި އެންމެހައި ޢަމަލުތައް ހެޔޮކަމުގެ ތިލަފަތަށް ލައްވާނދޭވެ! އަޅަމެންނަށް ޘާބިތުކަން ދެއްވާ މި ދީނުގެ މަތީގައި މަރުގެންދަވާންދޭވެ! އާމީން!
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2078 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429