ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު  

ޙައްޖަކީ އެކުވެނި އަޅުކަމެއް

22 ނޮވެމްބަރ 2009

ލިޔުއްވީ : އައްޝައިޚް ރަޒީން ޙުސްނީ


 

އިންސާނީ ނަފުސުގެ އެންމެހާ އުނިކަންތައްތައް އިސްލާހުކޮށް، ހަމަމަގަށް އެޅުމަށްޓަކައި އެންމެ ފައިދާ ކުރަނިވި އެއްފަރުވާއަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. އިންސާނާގެ ހިތުގައި އުފެދޭ ތަފާތު އެކިއެކި ބަލިތަކަށް އެކިއެކި ބާވަތްބާވަތުގެ ފަރުވާ ލައްވާފައިވާއިރު، ޙައްޖުގެ އަޅުކަމަކީ މިއެންމެހާ ބަލިތަކުގެ ޖާމިޢު އެކުވެނިއު ފަރުވާއެވެ. ލާބަހުރި މަންފާކުރެނިވި ގޮތެއްގައި މިއަޅުކަން އަދާކުރެވިއްޖެނަމަ މިއިން ފައިދާ ލިބުމީ އޭގައި ޝައްކެއްވާކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިފައިވާ އެންމެހާ އަޅުކަމެއްގެ ރޫޙު މިއަޅުކަމުގައި އެކުލެވިފައިވުމަކީ މީގެ އެންމެ ބޮޑު އެއްހެއްކެވެ.

    ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އިންސާނާ ދަތުރަށް ފަށާއިރު، އޭނާގެ ދަތުރު ވެގެންދަނީ އަޅުގަޑުމެން އެންމެންގެ އެންމެހާ ނަމާދުތަކާއި އަދި އެންމެހާ މިސްކިތްތަކުގެ މައިމަރުކަޒަށް ވާސިލުވުމަށެވެ. ނަމާދަށްޓަކައި މިބިންމަތީގައި އެންމެ ފުރަތަމަ ތަޢުމީރުކުރެވުނު ބިނާ އާދެ! ކަޢުބަތުﷲއަށް ދިޔުމަށެވެ. އަޅުގަޑުމެން މުސްލިމުންގެ މިސްކިތްތަކަށް މިސްކިތަކަށް ވުމުގެ ޝަރަފު ލިބެނީވެސް އެތަންތަން ބިނާކުރެވޭ އިރު ކަޢުބަތުﷲއަށް ކުރިމަތި ލެވޭގޮތަށް ބިނާކުރެވިގެންނެވެ. ނަމާދަކީ ދީނުގެ ހުރިހާ އަޅުކަމެއްގެ އަސާސް އަދި ދީނުގެ ތަނބު ކަމުގައިވާއިރު ދީނުގެ މިތަނބު ޞައްޙަވެ ފުރިހަމަ ވެގެންދަނީ އެއަޅުކަން އަދާކުރެވޭއިރު، ކަޢުބަތުﷲއަށް ކުރިމަތި ލެވިގެންނެވެ. ނޫނީ އެނަމާދު ޞައްޙަ ނުވާނެކަން ޔަޤީނެވެ.

    ޙައްޖަށް ދިޔުމަށްޓަކައި ގެއިން ނިކުންނަ މުސްލިމު އަޅާގެ ދަތުރުގެ މުހިއްމު އެއްބޭނުމަކީ ނަމާދު އަދާކުރުމުގައި އޭނާ އެތަނަކަށް ކުރިމަތިލި ކަޢުބަތުﷲއަށް ގޮސް އެތާނގައި ނަމާދުކުރުމެވެ. އަދި ދުނިޔޭގައިވާ އެންމެހާ މިސްކިތްތަކަށް މިސްކިތަށް ވުމުގެ މަތިވެރިކަން އެތަނެއްގެ ސަބަބުން ލިބިގެންދިޔެ، މަސްޖިދުލް ޙަރާމަށް ގޮސް އެތާނގައި ސަޖިދައަށް ތިރިވުމެވެ.

މީގެ އިތުރުން މަސްޖިދުލް ޙަރާމުގައި ނޫން އެހެންތަނެއްގައި ނުކުރެވޭ ނަމާދުގެ އެއްވަތްތަރެއް ކަމަށްވާ ޠަވާފުކުރުމުގެ އުފާވެސް ލިބިގަނެ ވެއެވެ. ކީރިތި قران އާއި ކީރިތި ރަސޫލާގެ ޙަދީޘުން ސާބިތުވާ ގޮތުގައި ޠަވާފަކީވެސް ޙަޤީޤަތުގައި ނަމާދެކެވެ. މިކަން އަދާކުރެވޭނީ ހަމައެކަނި ކަޢުބަތުﷲ ގައެވެ. މިނޫންތަނެއްގައި މިއަޅުކަން ނުކުރެވޭނެއެވެ. މިއަޅުކަން އަދާކުރުމުގައި މުސްލިމުއަޅާ حجر الاسودށް ބޮސްދީ ނުވަތަ އަތުން އިސްތިލާމުކޮށް ނުވަތަ އިޝާރާތްކޮށް، ހެއްދެވި މަތިވެރި ﷲއަށް ކިޔަމަންތެރިވުމުގެ ޢަހުދު އާކުރެއެވެ. ބައްތީގެ ހުޅުކޮޅު ވަށައިގެން ބަނޅިދާތަކާއި ކޮކާތައް އެނބުރޭ ބީދައިން މުސްލިމު އަޅާ ދުޢާކުރާ ޙާލު ކަޢުބަތުﷲ ވަށައިގެން ބުރު ޖަހަމުން ދެއެވެ. އެންމެ ޣާފިލު އިންސާނާގެ ރޫޙުވެސް ޣަފުލަތްތެރިކަމުގެ ނިދިން ހޭލެވެއެވެ. މަތިވެރި ﷲގެ މަތިވެރިކަމާއި ޖަލާލުވަންތަކަން ތަޞައްވަރު ކުރެވިގެންދެއެވެ. ހަމަމިއާއެކު، މުސްލިމުއަޅާއަށް عرش الهىގެ ވަށައިގެން މަލާއިކަތުން ކުރައްވާ ޠަވާފާއި މިއަޅުކަން އެއްގޮތްވާކަމަށް ޚިޔާލުކުރެވިގެންދެއެވެ. ނަތީޖާއަކަށް ވަނީ ދުލުން ބަޔާން ނުކުރެވޭހާ ފުރިހަމަ މަޑުމައިތިރިކަމާއި ހަމަހިމޭންކަން އަޅާގެ ހިތަށް ވެރިވެގެން ދިޔުމެވެ.

އިސްލާމީ ދެވަނަ އަޅުކަން އަދި އިސްލާމްކަމުގެ ތިންވަނަ ރުކުނަކީ ޒަކާތެވެ. އިންފާޤު ނުވަތަ ހޭދަކުރުމެވެ. ﷲއަށްޓަކައި ﷲގެ މަގުގައި، އެއިލާހު އަމުރުކުރައްވާ ފައިވާ ގޮތަށް އެއިލާހުގެ ރުއްސެވުން ހޯދުމަށް އެއިލާހު ދެއްވި މުދަލުން ހޭދަކުރުމެވެ. ފުރިހަމަ ވިސްނުމަކަށް ގޮސްފިނަމަ ހައްޖުގެ އަޅުކަމުގައި ހޭދަކުރުން ނުވަތަ އިންފާޤުގެ ބޮޑުބައެއް ހިމަނިފައިވާކަން އެނގިގެންދެއެވެ. ޙައްޖުގެ ދަތުރުގެ ޚަރަދުގެ ނިޒާމު ބެލެހެއްޓުމުގައެވެ. އާމްދަނީ މަދު، ޢާއްމު އާދައިގެ ދިރުއުޅުމެއްގެ އަހުލުވެރިއަކަށް މިއީ އުދަނގޫ ކަމެކެވެ. ވަކިން ޚާއްސަކޮށް މިޒަމާނުގައި މިއީ ވަރަށްބޮޑަށް ދަތި ކަމެކެވެ. ދަތުރުގެ ވަސީލަތްތަކާއި ބޭނުންތަކުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދުވަސްވަރަކަށް ވުމެވެ. މީގެ އިތުރުން ޙިޖާޒުކަރައިގެ އަހުލުވެރިން، ޙައްޖުވެރިންނަކީ މާތްﷲގެ މެހުމާނުންކަމަށް ބެލުމުގެ ބަދަލުގައި ތިމާމެންގެ އާމްދަނީ އިތުރުކުރުމަށް ލިބޭ ޒަރީއާއެއް ކަމަށް ދުށުންވެސްމެވެ. ދިރިއުޅުމުގެ އެކި ވަސީލަތްތަކުން ލިބޭ މަދު އާމްދަނީން ދަތުރުގެ އެންމެހާ ކަންތައްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަމަޖެހިގެން ދިޔުމުގެ އުފާ ނުލިބުނު ކަމުގައި ވިޔަސް މިކަމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ތަޙައްމުލް ކުރަންޖެހެއެވެ. ކަންތައް ކޮންމެ ގޮތަކަށްހުއްޓަސް މުސްލިމުއަޅާ އޭނަގެ ކުރީގެއާއި ފަހުގެ އާމްދަނީގެ ބޮޑުބައެއް ތިމާގެ ނަފުސު އިސްލާޙުކުރުމުގެ މިޖިހާދަށް ޓަކައި ހޭދަކުރެއެވެ.

އިސްލާމީ ތިންވަނަ އަޅުކަން އަދި އިސްލާމްކަމުގެ ހަތަރުވަނަ ރުކުން ރޯދައިގެ ރޫޙުވެސް ޙައްޖުގައި ހިމެނިފައި ވެއެވެ. ރޯދައިގެ އަސްލު ރޫޙަކީ ﷲގެ ރުއްސެވުން ލިބިގަތުމަށްޓަކައި އެއިލާހު ހުއްދަކުރައްވާފައިވާ، ކެއުމާއި ބުއިން އަދި ޖިމާޢުން ފަދަ އެންމެހާ ކަންތައްތަކުން އެއްކިބާވެ ތިބުމެވެ. ޙައްޖުގެ ތެރޭގައި މިކަންތައް މިއަށްވުރެ މާތަނަވަސްކޮށް ހިމަނިފައިވެއެވެ. އިޙުރާމް ބަނުމާއެކު ކުރުމުން އެއްކިބާވާން ޖެހޭ ކަންތަކެވެ. ރޯދަޔާއި އަޅާބަލާއިރު ވަގުތުގެ ގޮތުން ލުއިނަމަވެސް އޭގެ ޛާތާއި ކައިފިއްޔަތުގެ ގޮތުން އެއަށްވުރެ މާ ބުރައެވެ. ރޯދައިގައި ފެންނަ ޒުހުދުވެރިކަމާއި އަޅުވެތިކަމުގެ ސިފަ، ޙައްޖުގައި ޚާއްސަކޮށް އިޙުރާމުގެ ހާލަތުގައި އެ ދަރަޖައަކަށް ދިޔުމަށް އިސްލާމް ދީން ބޭނުންވާ އެންމެ ފަހުގެ ދަރަޖައާ ހަމަޔަށް ވާސިލުވެގެން ދެއެވެ. އެއަށްވުރެ ކުރިއަށް ގޮސްފިނަމަ ފެށިގެންދަނީ އިސްލާމްދީނުގައި މަނާވެފައިވާ ރަހުބާނިއްޔަތުގެ ޙައްދެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1665 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429