ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ދިވެހި ހައްޖާޖީން މިނާގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަމުން އެބަދޭ

29 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


29 ނޮވެމްބަރު 2009

މިނާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން މިނާގައި ޙައްޖުގެ އަޅުކަމުގެ ބާކީ މަނާސިކުތައް ފުރިހަމަ ކުރަމުން އެބަދެއެވެ.

ޢީދު ވިލޭރޭ ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރުމަށްފަހު އެ ދުވަހު ޖަމްރަތުލްޢަޤަބާ އަށް ހިލައުކުމަށްފަހު ބޯބާލައި ނުވަތަ ބޯ ކޮށުމަށްފަހު ފުރަތަމަ ތަޙައްލަލު ވެފައެވެ. ދިވެހި ޙައްޖު ވެރިންގެ ގުރޫޕްތަކުގެ ތެރެއިން އަލްޚައިރުގެ ބައެއް ޙައްޖުވެރިން ވަނީ އެދުވަހު ހިލައުކުމަށްފަހު މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށްފައެވެ. އެހެންނަމަވެސް އެދުވަހަކީ މަސްޖިދުލްޙަރާމްގައި ވަރަށް ބާރުބޮޑުވެ ތޮއްޖެހިފައިވާ ދުވަހަކަށްވާތީ ޙައްޖުވެރިންގެ ސަލާމަތަށްޓަކައި، ދިވެހި އެހެން އެއްވެސް ގުރޫޕަކުން އެދުވަހު މައްކާއަށް ގޮސްފައިނުވެއެވެ.

ޙައްޖުގެ އަޅުކަމުގައި މިނާއަށް އައި ދުވަހު ގިނަ މައްސަލަތަކެއް ދިމާވި އެސްބީޓީ ގުރޫޕްގެ ޙައްޖުވެރިންވެސް ދަނީ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރަމުންނެވެ. އެ ގުރޫޕްގެ ޙައްޖުވެރިންގެ ފޭލިގެ ހުރީ މުޒްދަލިފާގެ މެދުތެރޭ ހިސާބެއްގައެވެ. އެހެންނަމަވެސް އެހެން ހުރިހާ ޙައްޖު ގުރޫޕްތަކުގެ ޙައްޖުވެރިން ތިބެނީ ކައިރިކައިރީގައި ހުރި ފޭލިގެތަކެއްގައި މިނާގެ މެދުތެރޭގައެވެ.

ޢީދު ދުވަހުގެ ރޭ ދިވެހި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ޙައްޖުވެރިންގެ ފޭލިގެތަކަށް ޒިޔާރަތް ކުރައްވާފައެވެ.

އަދި 28 ނޮވެމްބަރު 2009 ވީ ހޮނިހިރު ދުވަހުގެ ރޭ، ސުޢޫދީގައި ހުންނަވާ ދިވެހި ސަފީރު އޮނަރަބްލް އަލްފާޟިލް ޙުސައިން ޝިހާބު ވަނީ ދިވެހި ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް މިނާގެ ފޭލިގެތަކަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ސަފީރު ޝިހާބު ވަނީ ޙައްޖުވެރިންނަށް އެހީތެރިވުމަށް އައިސް ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލު ކުރައްވާފައެވެ.

އަތަމާ ގްރޫޕާއި އެސް.ބީ.ޓީ ގްރޫޕް ފިޔަވައި ދިވެހި އެހެން ގްރޫޕްތައް މިނާއިން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޙައްޖުމަހުގެ 13 ވަނަ ދުވަހު ޖަމްރާތަކަށް ހިލައުކުމަށްފަހުއެވެ. އަތަމާއާއި އެސްބީޓީ މިއަދު (29 ނޮވެމްބަރު ވާ އާދީއްތަ ދުވަހު) ހިލައުކުމަށްފަހު މައްކާއަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.

ދިވެހި ޙައްޖުވެރިންގެ ޙާލު ބެއްލެވުމަށް އަމީރުލްޙައްޖު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި މިނާގެ ފޭލިގެތަކަށް ވަޑައިގެންފައެވެ. މި ދަތުރު ފުޅުގައި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލެއްވުމަށްފަހު މިނިސްޓަރ ވަނީ ދިވެހި ކިޔަވާކުދިންގެ ތެރެއިން ޙައްޖުވެރިންނަށް އެހީތެރިވުމަށް އައިސްތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދިވެހި ކިޔަވާކުދިން ޙައްޖުވެރިންނަށް އެހީތެރިވުމުގައި ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތަށްޓަކައި ވަރަށް ޝުކުރު ދަންނަވާފައިވެއެވެ. ކިޔަވާކުދިންގެ ޚިދުމަތްތައް ގުރޫޕްތަކުގެ ވެރިންވެސް ފާހަގަ ކުރައްވައި އަމީރުލްޙައްޖަށް ދަންނަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޢާއްމުގޮތެއްގައި ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅަވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1143 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429